ކޮނޑޭ ޕްރީސްކޫލް ހުޅުވައިފި

ބޭބީ ނާސަރީ އަދި ނާސަރީގެ އުމުރު ފުރައިގެ ކުދިންނަށް އަމާޒު ކޮށްގެން ކައުންސިލުން ތަރައްޤީ ކުރި ޕްރީސްކޫލް “ކޮނޑޭ  ޕްރީސްކޫލް” 15 ޖެނުއަރީ 2023 ވަނަ ދުވަހު ހުޅުވައިފިއެވެ.

މިޕްރީސްކޫލް ހުޅުއްވައި ދެއްވީ މިކަމަށްޓަކައި 15 ޖެނުއަރީ 2023 ވަނަ ދުވަހުގެ 9:00 ގައި ކޮނޑޭ ޕްރީސްކޫލްގައި ބޭއްވުނު ރަސްމިއްޔާތުގައި، ކޮނޑޭގައި ފުރަތަމަ ހުޅުވުނު ޕްރީސްކޫލް ” ޤާސިމް ޕްރީސްކޫލް” ގެ ބާނީ ކަމުގައިވާ ދަޢުލަތައް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އަދި ކޮނޑޭގެ ގިނަ ބަޔަކަށް ހިލޭ ސާބަހަށް އުގަންނައި ދިނުމަށް މަސައްކަތް ކޮށްދެއްވާފައިވާ އެނދުރެއް ކަމުގައިވާ ގއ.ކޮނޑޭ ފަހެލާ ޤާސިމް އިބްރާޙީމް ދީދީއެވެ.

ކޮނޑޭ ޕްރީސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ މެމްބަރުންނާއި، ކޮނޑޭގެ މުޢައްސަސާތަކުގެ ވެރިންނާއި، ކޮނޑޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ އިތުރުން ޕްރީ ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިން ވަނީ ބައިވެރި ވެފައެވެ.

ޕްރީސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް އަޙްމަދު އަބްދުލްޙަކީމް ވިދާޅުވީ މިމަސައްކަތަކީ ކޮނޑޭގެ ތަރައްޤީގެ ޕްލޭންގެ ދަށުން ހާޞިލް ކުރެވުނު މުޙިއްމު އަމާޒެއްކަމަށާއި، މިކަން ހާޞިލް ކުރެވިގެން ދިޔައީ ވަރަށް ގިނަ ބަޔެއްގެ ބުރަ މަސައްކަތުން ކަމަށާއި، އެހެންކަމުން އެކަމަށްޓަކައި އެފަރާތްތަކަށް ޙައްޤު ޝުކުރު އަދާކުރާކަމަށެވެ.

މިސްކޫލްގެ ކިޔެވުން ފެށުނު އިރު ބޭބީ ނާސަރީގައި 08 ކުދިންނާއި، ނާސަރީގައި 12 ކުދިންނާއެކު ޖުމްލަ 20 ކުދިން ވަނީ ސްކޫލްގައި ކިޔެވުމަށް ރަޖިސްޓްރީ ކުރެވިފައެވެ. އަދި ދަރިވަރުންނަށް ކިޔަވައި ދިނުމަށް 2 ޓީޗަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *