އާންމުން ހޭލުންތެރިކުރުމަށް ކައުންސިލާއި މުއައްސަސާތައް ގުޅިގެން “ގެތަކަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމެއް” ފަށައިފި

ރަށުގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ އެންމެހައި ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށާއި، ރަށްވެހިކަމުގެ ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުވައި އިޖުތިމާއީ މައްސަލަތައް މަދުކުރުމުގެ މަގުސަދުގައި ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ގުޅިގެން “ގެތަކަށް ޒިޔާރަތްކުރުމުގެ ހަރަކާތެއް” މިއަދު ވަނީ ފަށާފައެވެ.

މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ރައްޔިތުންގެ ހާލުބަލައި، ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް އޮޅުންފިލުވައި، ރަށުގެ އާންމު ސާފުތާހިރުކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އާންމުންނަށް ބޭނުންވާ އިރުޝާދުތައް ފޯރުކޮށްދިނުމެވެ.

މި ހަރަކާތުގެ ތެރެއިން މަގުމައްޗަށް ކުނިއެޅުން ހުއްޓުވައި، ގޯތިތަކާއި ގުޅިފައިވާ މަގުތަކުގައި ވިނަ ނޮޅައި ސާފުކޮށް މަގުމަތި ސާފުތާހިރުކޮށް ބެހެއްޓުމަށާއި، މަގުތަކުގައި ބަހައްޓާފައިވާ އާންމުންނަށް ދަތިވާ ތަކެތި ނެގުމަށް ވަނީ އިރުޝާދު ދެވިފައެވެ. އަދި ހިނގާބިނގާވެ އުޅުމަށާއި މަގުބައްތިތަކަށް ދަތިވާ ގޮތަށް މަގުމައްޗަށް ނުކުމެފައި ހުންނަ ގަސްތައް ކޮށައި ބެލެހެއްޓުމުގެ އިތުރުން، ގޭގޭގެ ދިޔަދޮވިތައް ރަނގަޅުކޮށް ފުރާޅުން އަންނަ ފެން މަގުމައްޗަށް ނުފައިބާ ގޮތަށް ފެން ހިންދާ ނިޒާމް ގާއިމްކުރުމަށް ވަނީ ބާރުއަޅާފައެވެ. މީގެއިތުރުން ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަނާއި ފެންހެދޭ ތަކެތި ނައްތާލުމާ ގުޅޭގޮތުން މައުލޫމާތުދީ އާންމުން ހޭލުންތެރިކުރުވާފައިވެއެވެ. އަދި މި މައުލޫމާތުތައް ހިމެނޭ ލީފްލެޓްތައް ވަނީ މިއަދުގެ ހަރަކާތުގައި ޒިޔާރަތް ކުރެވުނު ގެތަކަށް ފޯރުކޮށްދީފައެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން މުއައްސަސާތަކާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، މުޖުތަމައުގެ އާންމު ލާބަޔާއި މަންފާއަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެއެވެ. އަދި މިއީ ކޮންމެ 3 މަހަކުން 1 ފަހަރު، ހަފްތާއެއްގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ކައުންސިލާއި މުއައްސަސާތަކުން ނިންމާފައިވާ ހަރަކާތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *