އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގައި ކޮނޑޭ ތަމްސީލުކުރުމަށް ކިއްސަރު ޖަމްޢިއްޔާއާއެކު ފަހުމުނާމާ އެއްގައި ސޮއިކޮށްފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގައި ކޮނޑޭ ތަމްސީލުކުރުމުގެ ފުރުސަތު “ކޮނޑޭ އައިލެންޑް ސޮސައިޓީ ފޯރ ސްޕޯޓްސް، އެވެއަރނެސް އެންޑް ރިކްރިއޭޝަން އެންޑް ޔުނިޓީ (ކިއްސަރު)” ޖަމްޢިއްޔާއަށް ދީ، އެކަމާ ގުޅޭ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މި މުބާރާތުގައި ކޮނޑޭ ތަމްސީލުކުރާނެ ކުލަބް ޖަމްޢިއްޔާއެއް ހޯދުމަށްޓަކައި ކައުންސިލުން އިޢުލާނު ކުރުމުން، އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ކިއްސަރު ޖަމްޢިއްޔާއިން އެކަންޏެވެ. އެހެންކަމުން ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ބައްދަލުވުމުން ނިންމެވީ މުބާރާތުގައި ރަށް ތަމްސީލުކުރުމުގެ ފުރުސަތު ކިއްސަރު ޖަމްޢިއްޔާއަށް ދިނުމަށެވެ.

މީގެ އިތުރުން، މި މުބާރާތުގައި ވާދަކުރުމަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަށް އެހީގެ ގޮތުގައި 25,000 (ފަންސަވީސްހާސް) ރުފިޔާ ކިއްސަރު ޖަމްޢިއްޔާއަށް ދިނުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގެ ދަށުން، އެފް.އޭ.އެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގައި ކޮނޑޭގެ ނަމުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތަކާއި ޓީމު ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކިއްސަރު ޖަމްޢިއްޔާއިންނެވެ.

މި މުބާރާތަކީ ރަށުގެ ކުޅިވަރުގެ ދާއިރާ ކުރިއަރުވައި، ޒުވާނުންނަށް ގައުމީ އަދި އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ކައުންސިލުން ބައިވެރިވުމަށް ނިންމާފައިވާ މުހިންމު މުބާރާތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *