ކޮނޑޭ ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ހިންގި 2 ވަނަ ކޯސް (ކޮންޓެންޓް ކްރިއޭޝަން) ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

​ކޮނޑޭ ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ގއ. ކޮނޑޭ އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކޮށް، ތައްޔާރުކުރުމަށް ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ގެންދިޔަ 2 ވަނަ ކޯސް ކަމަށްވާ “ކޮންޓެންޓް ކްރިއޭޝަން ކޯސް” ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
​މި ތަމްރީނު ކޯހަކީ ކޮނޑޭ ކައުންސިލާއި އިންފިނިކާ އެކަޑަމީ ގުޅިގެން އޯގަސްޓް 30 އިން 31 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.
​މި ކޯހުގައި ކޮނޑޭގެ ޒުވާނުންގެ ތެރެއިން 13 ފަރާތަކުން ބައިވެރިވެ، ކޯސް ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. މި ކޯހުގެ ތެރެއިން ކޮންޓެންޓް އުފެއްދުމަށް ބޭނުންކުރާ އެކިއެކި ސޮފްޓްވެއަރތައް އިންޓްރޮޑިއުސްކުރުމާއި، ފޭސްބުކް އަދި އިންސްޓަގްރާމް ރީލްސް ތައްޔާރުކުރާނެ ގޮތުގެ އިތުރުން، ވީޑިއޯތައް އެކުލަވާލައި އެޑިޓްކުރާނެ ގޮތުގެ ފަންނީ ހުނަރުތައް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.
​މި ތަމްރީނުގެ ސަބަބުން ޑިޖިޓަލް ކޮންޓެންޓް އުފެއްދުމުގެ ދާއިރާއިން މަސައްކަތްކޮށް އަމަލީ ގޮތުން ހަރަކާތްތެރިވާނެ އަދި ސޯޝަލް މީޑިއާއާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން، ކޮނޑޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ވީޑިއޯއާއި ޑިޖިޓަލް ކޮންޓެންޓްގެ ޒަރީއާއިން ދުނިޔެއަށް އިޝްތިހާރުކުރުމަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކެއް ރަށުގެ ޒުވާނުންނަށް ލިބި، ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ކޮނޑޭ އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އިސްނަގައިގެން މަސައްކަތް ކުރާނެ ފަންނީ ޓީމެއް ވަނީ އެކުލަވާލެވިފައެވެ.
​މި ރަސްމިއްޔާތު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް ނަސްރު މުހައްމަދު ދީދީއާއި، ކައުންސިލް ނައިބް ރައީސް ޢާއިޝަތު ޝިފްޒާ އިބްރާހީމްއާއި، ކައުންސިލް މެމްބަރު މުޙައްމަދު ޝާވިން ސަޢީދުގެ އިތުރުން ކައުންސިލްގެ 3 ވަނަ ދައުރާއި 4 ވަނަ ދައުރުގެ ރައީސް އަޙްމަދު ޢަބްދުލްޙަކީމް އެވެ.

Leave a Reply

Your email address will not be published. Required fields are marked *