ކޮނޑޭގެ ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީގެ ޕްލޭނާއި މާލީ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ގއ. ކޮނޑޭގެ ކުރިއަށް އޮތް 5 އަހަރު (2027 އިން 2031 އަށް) އެކުލަވާލާ ކޮނޑޭގެ އިސްތިރާޖީ ތަރައްޤީގެ ޕްލޭނާއި،  މާލީ ޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން އެކުލަވާލަންޖެހޭ މި ޕްލޭންގެ މަސައްކަތް ކުރިއަށް ދަނީ ފަންނީ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރަށުގެ އިޤްތިޞާދީ، އިޖްތިމާޢީ، އިދާރީ އަދި ތިމާވެށީގެ ހާލަތު ދެނެގަނެ، ރައްޔިތުންގެ ބައިވެރިވުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ރަށް ތަރައްޤީކުރުމަށް ބޭނުންވާ އިސްތިރާޖީ ލަނޑުދަނޑިތަކާއި ކެޕިޓަލް އިންވެސްޓްމަންޓް ޕްލޭން (CIP) އެކުލަވާލުމެވެ. އަދި ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދާނެ ގޮތްތަކާއި، ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާގޮތް މޮނިޓަރ ކުރާނެ ނިޒާމެއްވެސް މި މަސައްކަތުގެ ތެރެއިން ގާއިމުކުރެވޭނެއެވެ.

މި މަސައްކަތުގެ ދަށުން މައުލޫމާތާއި ޑާޓާ އެއްކުރުމަށްޓަކައި ރަށުގެ ގޭގެޔަށް ޒިޔާރަތްކުރުމުގެ އިތުރުން އޮންލައިން ކުއެސްޝަނޭރެއް މެދުވެރިކޮށްވެސް މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ 70 އިންސައްތައަށްވުރެ ގިނަ ގޭބިސީތަކަށް ޒިޔާރަތްކުރުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން، ރަށުގެ އެކި ދާއިރާތަކުގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށްޓަކައި ކޮނޑޭ ކައުންސިލް އިދާރާގައި މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މާލޭގައި ދިރިއުޅޭ ކޮނޑޭގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މާލޭގައި ފިޒިކަލް ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކި ސަބަބުތަކާ ހުރެ ބައްދަލުވުންތަކަށް ހާޒިރުނުވެވޭ ފަރާތްތަކަށް އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ރަށުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުންތައް:

21  ސެޕްޓެމްބަރު: އިދާރާތަކާއި ދާއިރާތަކުގެ އިސްވެރިންގެ ބައްދަލުވުން

22  ސެޕްޓެމްބަރު: ޖަމްޢިއްޔާ/ކްލަބްތަކުގެ އިސްވެރިންގެ ބައްދަލުވުން އަދި އަންހެނުންނަށް ޚާއްޞަ ބައްދަލުވުން

23 ސެޕްޓެމްބަރު: އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވުނު ބައްދަލުވުން

22  ސެޕްޓެމްބަރު: ޖަމްޢިއްޔާ/ކްލަބްތަކުގެ އިސްވެރިންގެ ބައްދަލުވުން އަދި އަންހެނުންނަށް ޚާއްޞަ ބައްދަލުވުން

23 ސެޕްޓެމްބަރު: އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވުނު ބައްދަލުވުން

ކުރިއަށް ހުރި މަސައްކަތްތައް:

މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ތަނުގައި މާލޭގައި ދިރިއުޅޭ ކޮނޑޭގެ ރައްޔިތުންނާއެކު ޚާއްޞަ ބައްދަލުވުންތަކެއް ބޭއްވުމާއި، ގޭގެޔަށް ޒިޔާރަތްކޮށްގެންނާއި އޮންލައިންކޮށް ޑާޓާ އެއްކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އަދި ހަމައެއާއެކު އެއްކުރެވޭ މައުލޫމާތަށް ބިނާކޮށް އެކުލަވާލެވޭ ޑްރާފްޓް ޕްލޭން، ރައްޔިތުންގެ ޚިޔާލާއި ވެލިޑޭޝަނަށް ހުށަހެޅި، އިޞްލާޙުތަކާއެކު ފައިނަލް ޕްލޭން ކައުންސިލުން ފާސްކުރުމަށް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *