ރައީސުލް ޖުމްހޫރިއްޔާ ކޮނޑޭ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި
ރައީސުލް ޖުމްހޫރިއްޔާ ކޮނޑޭ ބަނދަރު ހުޅުއްވައި ދެއްވަފިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކޮނޑޭ ބަނދަރު ހުޅުއްވައި ދެއްވީ މިއަދު އެކަމަށްޓަކައި ކޮނޑޭގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
ކޮނޑޭ ބަނދަރަކީ ކުރީގެ ރައީސް މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ޒަޢާމަތުގައި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ޙަވާލުކޮށްގެން ހައްދަވައި ދެއްވަން ފެއްޓެވި 300 ފޫޓް 200 ފޫޓްގެ ބަނދަރެކެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަނީ ރައްޔިތުންގެ އެދުމާއެކު ކޮނޑޭ ބަނދަރުގެ ދެފަހަރެއްގެ މަތިން ބޮޑުކޮށް 350 ފޫޓް 250 ފޫޓްގެ ބަނދަރަކަށް ހައްދަވާދެއްވާފައެވެ.
ކޮނޑޭ ބަނދަރުގެ ޢަމަލީ މަސައްކަތްތަށް ފެށިފައިވަނީ 2012 ޖުލައި މަހުގެ ތެރޭގައެވެ. އަދި ބަނދަރުގެ މަސައްކަތްތަށް އެއްކޮށް ނިމިފައިވަނީ 2017 އޯގަސްޓް 31 ގައެވެ.
މިބަނދަރަކީ ދަޢުލަތުގެ ބަޖެޓުން 32 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހައްވައި ދެއްވާފައިވާ ބަނދަރެކެވެ.
މީގެއިތުރުން މިރަސްމިއްޔާތުގައި ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާވަނީ ކޮނޑޭގެ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު އުއްމީދުކަމުގައިވާ ކޮނޑޭގެ ބިމުގެ ތަނަވަސްކަމާއި، މުއްސަދިކަމުގެ ބޭނުންކޮށްގެން ރަށުގެ މުސްތަޤުބަލު އުޖާލާކުރުމަށް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ގެސްޓްހައުސް ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމުގެ ހުއްދަ ދެއްވާނެކަމުގެ ފެހި ސިގުނަލް ދެއްވާފައެވެ.