48 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފި

ކޮނޑޭގެ 48 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރަށުގެ ރައްޔިތުން ޒަމާނުންސުރެ ބާއްވަމުން އަންނަ ސައި އެއާދަކާދައާއި އެއްގޮތަށް ބޭއްވުމާއި، ކޮނޑޭގެ އަހަރީ ދުވަހާއި، ކޮނޑޭގެ ތާރީޚާއި ގުޅޭ މަޢުލޫމާތު ސްކޫލްދަރިވަރުންނަށް ލިބޭނެހެން ކްއިޒެއް ބޭއްވުމެވެ.
މިއަހަރުގެ އަހަރީ ދުވަހުގެ މުނާސަބާ އެޕްރީލް 12 ދިމާވީ ބަރަކާތްތެރި ރަމަޟާން މަހަށްވުމުން ސައިގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެޕްރީލް 12 ވަނަ ދުވަހު ރަށުގެ ރައްޔިތުންގެ މެދުގައި ބޭއްވުނު އެއްބައިވަންތަ ކަމުގެ ރޯދަ ވީއްލުމަކަށެވެ. މިސައިގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އާދަކާދައާއި އެއްގޮތަށް ރަށުގެ ކޮންމެ ގެއަކުންވެސް ސައި ތައްޔާރު ކޮށްގެން ރަށުގެ މެދުގައި ހުންނަ ބުރު ސަރަޙައްދަށް ޖަމާވެ އެންމެން އެކުގައި ސަޔަށް އިންސާފުކޮށް އެއުފަލުގައި ބައިވެރިވެވޭނެ ގޮތަށެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމަށް ކޮނޑޭގެ ތާރީޚާއި، އަހަރީ ދުވަހާއި ގުޅޭ މަޢުލޫމާތު ލިބޭނެހެން ބޭއްވުނު ކުއިޒް ކުރިއަށް ގެންގޮސްފައިވަނީ ކޮނޑޭ ސްކޫލްގެ މަޙްމޫދު މާވަޑި ކަލޭފާނު ހައުސްއާއި، ޢަލީ މާވަޑި ކަލޭފާނު ހައުސްގެ މެދުގައެވެ. މިކުއިޒް ނިމިގެން ދިޔައީ ދެހައުސްގެ ދެމެދުގައި ވާދަވެރި ބުރުތަކަކަށްފަހު 2 ހައުސް އެއްވަރު ވެގެންނެވެ.

ކޮނޑޭގެ އަހަރީ ދުވަހަކީ ކޮނޑޭގެ 1970 ވަނަ އަހަރު އެއިރުގެ ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހުކުރު ހަމަކުރުމަށް 40 ފިރިހެނުން ނެތުމާއި ގުޅިގެން ގއ.ދާންދޫއަށް ބަދަލު ކުރުމަށްފަހު ރައްޔިތުންގެ އެދުމުގެ މަތިން 1975 އެޕްރީލް 12 ވަނަ ދުވަހު އަލުން ކޮނޑޭގައި އާބާދުވުމަށް ސަރުކާރު ހުއްދަ ދެއްވުމާއި ގުޅިގެން އެކަމުގެ އުފަލުގައި ރައްޔިތުން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. ކޮނޑޭގެ ރައްޔިތުން ވަނީ ގއ.ދާންދޫގައި 5 އަހަރު ހޭދަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *