ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި
ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމަށް އުތީމު ބޮޑުތަކުރުފާނު (އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން) ކުރެއްވި މަތިވެރި ޤައުމީ ޖިހާދުގެ ޒިކުރާ އާކުރުމުގެ ގޮތުން ފާހަގަކުރާ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މިއަދު ހެނދުނު ކޮނޑޭ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވި މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ކޮނޑޭ ކައުންސިލްގެ ރައީސް ނަސްރު މުޙައްމަދު ދީދީއެވެ.
މި ރަސްމިއްޔާތުގައި ކޮނޑޭ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން، ރަށުގެ ގިނައަދަދެއްގެ އާންމު ރައްޔިތުންގެ އިތުރުން ކޮނޑޭ ސްކޫލްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ޤައުމީ ދުވަހަކީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު (2 ޖުލައި 1573) އުތީމު ބޮޑުތަކުރުފާނާއި އެ މަނިކުފާނުގެ ލަޝްކަރުން، ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވި ތާރީޚީ ކާމިޔާބީގެ ޒިކުރާ އާކުރާ ފަޚުރުވެރި ދުވަހެވެ.
