ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ކޮނޑޭގައި ހިންގި ފޮޓޯގްރަފީ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ކޮނޑޭ ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ގއ. ކޮނޑޭ އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ބޭނުންވާ ފަންނީ ފޮޓޯގްރާފަރުން ރަށުގައި އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހާއްސަ ފޮޓޯގްރަފީ ކޯސް ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މި ތަމްރީނު ކޯހަކީ ކޮނޑޭ ކައުންސިލާއި އިންފިނިކާ އެކަޑަމީ ގުޅިގެން އޯގަސްޓް 27 އިން 29 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.

މި ކޯހުގައި ކޮނޑޭގެ ޒުވާނުންގެ އިތުރުން ރަށުގެ ތަފާތު މުއައްސަސާތަކުން މުވައްޒަފުން ހިމެނޭހެން ޖުމްލަ 21 ފަރާތަކުން ބައިވެރިވެ، ކޯސް ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 13 އަންހެން ބައިވެރިންނާއި 8 ފިރިހެން ބައިވެރިންނެވެ.

ކޯސް ނިންމުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް ނަސްރު މުހައްމަދު ދީދީ ވަނީ، މި ތަމްރީނު ފުރިހަމަކުރި ބައިވެރިން ފޮޓޯގްރަފީގެ ދާއިރާއިން ކުރިއަށް ގޮސް، އަމަލީ ގޮތުން ހަރަކާތްތެރިވުމަށް އިރުޝާދު ދެއްވާފައެވެ. އަދި ލިބުނު ހުނަރާއެކު ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ކޮނޑޭ އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އިސްނަގައިގެން މަސައްކަތް ކުރުމަށް ރައީސް ހިތްވަރު ދެއްވިއެވެ. އަދި މި ކޯހުގެ ސަބަބުން ކޮނޑޭގެ ގުދުރަތީ ރީތިކަން ފޮޓޯގްރަފީގެ ޒަރީއާއިން ދުނިޔެއަށް އިޝްތިހާރުކުރުމަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކެއް ރަށުގެ ޒުވާނުންނަށް ލިބިގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް ނަސްރު މުހައްމަދު ދީދީއާއި، ކައުންސިލް ނައިބް ރައީސް ޢާއިޝަތު ޝިފްޒާ އިބްރާހީމްއާއި،ކައުންސިލް މެމްބަރު މުޙައްމަދު ޝާވިން ސަޢީދުގެ އިތުރުން އިންފިނކާ އެކަޑެމީގެ އެމް.ޑީ އާދަމް ނާއިފުއެވެ.

ފޮޓޯގްރަފީ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފައިވާއިރު، ކޮނޑޭ ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ބޭނުންވާ ފަންނީ ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތުގެ ދަށުން، އިންފިނިކާ އެކަޑެމީއާއި ގުޅިގެން ކޮންޓެންޓް ކްރިއޭޝަން ކޯހެއްވެސް އޯގަސްޓް 30 އިން އިން ފެށިގެން ދަނީ ހިންގަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *