ކޮނޑޭ ވޭސްޓް ސެންޓަރު މަގުގައި ކިނބިގަސް އިންދުމަށް އެސް.ޑީ.އެމް ފާމާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި
ކޮނޑޭ ކުނި މެނޭޖްކުރާ ސަރަހައްދަށް ދިއުމަށް ހަދާފައިވާ މަގުގެ ދެފަރާތުގެ ވެށި ރީތިކޮށް ފެހި ކުރުމުގެ ގޮތުން އެ މަގުގައި ކިނބިގަސް އިންދުމުގެ މަޝްރޫއެއް ހިންގުމަށްޓަކައި ކޮނޑޭ ކައުންސިލާއި، އެސް.ޑީ.އެމް ފާމް އާއެކު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.
އެސް.ޑީ.އެމް ފާމުގެ އިޖުތިމާއީ ޒިންމާ ގެ ދަށުން ހިލޭސާބަހަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، ކުނި މެނޭޖްކުރާ ސަރަހައްދަށް ދާ މަގުގައި ކިނބިގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.
މި އެމް.އޯ.ޔޫގައި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ނަސްރު މުހައްމަދު ދީދީއެވެ. އަދި އެސް.ޑީ.އެމް ފާމުގެ ފަރާތުން ސޮއިކުރެއްވީ އެ ފާމުގެ ވެރިޔާ ސައްދާމް ޢަލީއެވެ.
މި މަޝްރޫއުގެ ދަށުން ގަސްތައް އިންދުމަށްފަހު، ގަސްތައް ހެދެންދެން 24 މަސްދުވަސް (2 އަހަރު) ގެ މުއްދަތަށް ގަސްތަކަށް ފެންދީ، ބެލެހެއްޓުމާއި މަރުވާ ގަސްތަކުގެ ބަދަލުގައި އާ ގަސް އިންދުމުގެ މަސައްކަތް ކުރާނީ އެސް.ޑީ.އެމް ފާމުންނެވެ. އަދި މަޝްރޫއަކީ 01 ސެޕްޓެމްބަރު 2026 އިން 30 އޯގަސްޓް 2028 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއު ނިމި، ގަސްތައް ފުރިހަމައަށް ހެދުމުން ރަސްމީކޮށް ކައުންސިލާއި ހަވާލުކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއުގެ ސަބަބުން ރަށުގެ ވެށި ރީތިކޮށް، މަގުތަކުގެ ފެހިކަން އިތުރުކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
