ކޮނޑޭގެ 47 ވަނަ އަހަރީދުވަހުގެ މައުލޫމާތު ސެޝަނެއް ބާއްވައިފި

ކޮންމެ އަހަރެއްގެ އޭޕްރީލް 12 ވަނަ ދުވަހު “ސަޔާދޮހެޔާ” ގެ ގޮތުގައި ފަހަގަކުރަމުން އަންނަ، ދެވަނަ ފަހަރަށް ކޮނޑޭ އާބާދުވި ދުވަހާއި ގުޅިގެން ސްކޫލްގެ ދަރުވަރުންނަށް މައުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ. ކޮނޑޭ ސްކޫލާއި ކައުންސިލްގެ އިދާރާ ގުޅިގެން އިންތިޒާމްކުރި މި ސެޝަންގައި ސްކޫލްގެ 20 ދަރިވަރަކާއި 5 ޓީޗަރަކު ބައިވެރިވިއެވެ.

މި ސެޝަންގައި މައުލޫމާތު ދެއްވީ ރަށުގެ ކުރީގެ ކަތީބު  މުޙައްމަދު ޢަބްދުﷲ ދީދީ (އަލްފާ) އެވެ. މުޙައްމަދު ޢަބްދުﷲ ދީދީ އަކީ ދުވަހުގެ މައުލޫމާތު ދިރާސާކޮށް އެއްކުރައްވާ އަދި އެދުވަހުގެ ހުރިހާކަމެއް ވަރަށް ފުރިހަމައަށް ދެކެ ތަޖުރިބާކޮށްފައިވާ ފަރާތެކެވެ.

މި ސެޝަންގައި ކައުންސިލްގެ ރަޢީސްއާއި ކައުންސިލަރުން ވެސް ބައިވެރިވިއެވެ. ކޮނޑޭން ދާންދޫއަށް މީހުން ބަދަލުކުރީ 1970ވަނަ އަހަރުގެ ސެޕްޓެންބަރ ގައެވެ. ދާންދޫގައި ގާތްގަނޑަކަށް ފަސްއަހަރު ތިބުމަށްފަހު، ރަށްރަށުން މީހުން ބަދަލުކުރުމާ ބެހޭ ޤާނޫން އުވާލުމުން 12 އޭޕްރީލް 1975ވަނަ ދުވަހު ކޮނޑޭގެ ރައްޔިތުން އެނބުރި ކޮނޑެޔަށް ބަދަލުވިއެވެ. ދާންދޫގައި ތިބި ދުވަސްވަރަކީ ކޮނޑޭގެ ރައްޔިތުންނަށް އެކިވަރުގެ ދަތިތަކާއި ކުރިމަތިލާން ޖެހުނު ދުވަސްވަރެއްކަމުން ކޮނޑޭގެ ރައްޔިތުން ދިޔައީ އެނބުރި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތެއްވޭތޯ މަސައްކަތް ކުރަމުންނެވެ.

10 އާއިލާއަށް ވުރެ މަދުނުވާނެ އަދަދެއްގެ މީހުން ދާންދޫން ކޮނޑެޔަށް ބަދަލުވާން ބޭނުންނަމަ، އެކަމުގެ ހުއްދަ ދެވިދާނެ ކަމަށް ސަރުކާރުން އެންގުމާއި ގުޅިގެން އެ ދުވަހުން އެދުވަހަށް ރަށަށް ބަދަލުވުމުގެ މަސައްކަތް ފެށިއެވެ.

އޭރު އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވީ އަލްމަރުޙޫމް އިބްރާހީމް މުޙައްމަދު ދީދީ އާއި އަލްމަރުހޫމް އިބްރާހީމް އިސްމާޢިލް ދީދީ (ކުޑަތުއްތު ދީދީ) އެވެ. މިއީ މިދުވަސް ކުލަގަދަކޮށް ފާހަގަ ކުރަންފެށިފަހުން 47 ވަނަ އަހަރީދުވަހެވެ.

Leave a Reply

Your email address will not be published. Required fields are marked *