ފޮތިން ދަބަސްފަހަން ދަސްކޮށްދޭ ޕްރޮގްރާމް ހިންގައިފި
މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓާއި ކޮނޑޭ ކައުންސިލް، ކޮނޑޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އޭ.ޑީ.ބީ ޔޫތު ފޮރ ވެށި ގުޅިގެން ކޮނޑޭގެ ކަނބަލުންނަށް ފޮތިން ދަބަސްފަހަން ދަސްކޮށްދިނުމަށް ޕްރޮގްރާމެއް ހިންގައިފިއެވެ.
ޑިސެންބަރު 16ން 17 އަށް ކޮނޑޭ ކައުންސިލް އިދާރާގައި ބޭއްވި މި ޕްރޮގްރާމްގައި ފަހަން ދަސްކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަރމެންޓުން ފޮނުއްވި ޓްރޭނަރ ސުނީތާ މުޙައްމަދުއެވެ.
ކޮނޑޭގެ ކަނބަލުންނަށް ހުޅުވާލައިގެން ހިންގި މި ޕްރޮގްރާމުގައި 23 ބައިވެރިޔަކު ބައިވެރިވެ ފަހަންދަސްކޮށްފައި ވެއެވެ. މިއީ، ކޮނޑޭގެ ތަރައްޤީގެ ޕްލޭންގައި ހިމަނައިގެން ރަށުގެ ދެޖިންސުގެ ޒުވާނުންނާއި ރައްޔިތުންނަށް އެކި ހުނަރުތަކާއި މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް 2022 ވަނަ އަހަރަށް ކަނޑައެޅި ޕްރޮގްރާމެކެވެ.
ކޮނޑޭ ކައުންސިލްގެ އަމާޒަކީ މި ޕްރޮގްރާމުން ފަހަންދަސްކުރި ކަނބަލުންގެ އެހީތެރިކަމާއި އެކު ކޮނޑެޔަކީ ޢާންމު ވިޔަފާރި ކުރުމުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާ ރަށަކަށް އަންނަ 2023 ވަނަ އަހަރުގެ ނިޔަލަށް ހެދުމެވެ.