ލާމަރުކަޒީ ދުވަސް ފާހަގަކޮށްފި
2023 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ކޮނޑޭކައުންސިލުން ރާވާފައިވާ ހަރަކާތަތައް ފަށައިފިއެވެ.
ކޮންމެ އަހަރެއްގެ ފެބުރުވަރީ 26 ވަނަ ދުވަހު ފާހަގަކުރާ މިދުވަހުގެ ހަރަކާތްތައް ފެށުމަށް 26 ފެބުރުވަރީ 2023 ވަނަ ދުވަހުގެ ހެނދުނު ރަށުގެ ހުރިހާ މުޢައްސަސާތަކުގެ މުވައްޒަފުންނާއި ކައުންސިލުން ބައްދަލުކުރިއެވެ. ހެނދުގެ ޚާއްޞަ ނާސްތާއަކާއެކު ބޭއްވި މިބައްދަލުވުމުގައި ކޮނޑޭ ސްކޫލް، ކޮނޑޭޕްރީސްކޫލް، ކޮނޑޭ މެޖިސްޓްރޭޓް ކޯޓު، ފެނަކަ ކޮނޑޭ ބްރާންޗް، އަދި ކޮނޑޭ ކައުންސިލްގެ މުވައްޒަފުންނާއި އިސްވެރިން ބައިވެރިވިއެވެ. މިބައްދަލުވުމުގައި ބައިވެރިވެރިވި ކޮނޑޭގެ މުވައްޒަފުންނާއި މުޚާތަބުކުރައްވައި ކައުންސިލްގެ ރަޢީސް އަޙްމަދު ޢަބްދުލް ޙަކީމް ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ހުރިހާ އިދާރާތަކުން ވެސް ކައުންސިލާއި ވަރަށް ގާތް ގުޅުމެއްބޭއްވުމަށާއި، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކައުންސިލުން ރާވާހިންގާ ކަންކަމުގައި ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ. ރަށުކައުންސިލަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމުގައި ރަށުގައި ހުންނަ ސަރުކާރުގެ އެންމެ އިސްއިދާރާކަމުން ކައުންސިލުން ކުރާ ކޮންމެ ކަމެއް ބަލައި އޭގެ މަޢުލޫމާތު ލިބިގަތުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަަށް އަބަދުވެސް ހުޅުވިފައި ހުންނާނެ ކަމަށް ވެސް ރަޢީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން، ކައުންސިލްގެ ނިންމުންތަކާއި ރޭވުންތަކާއި މެދު މީސްމީޑިޔާގައި އެކި ވާހަކަ ދައްކަން ނުތިބެ، ކައުންސިލަރުންނާއި ކަމާއި ބެހޭ، ކައުންސިލް އިދާރާގެ މުވައްޒަފުން ގާތުން، އިދާރާއިން ކަންކަމުގެ މަޢުލޫމާތާއި ރެކޯޑްތައް ލިބިގަތުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ލާމަރުކަޒީދުވަހާއި ގުޅިގެން ކުރިޔަށް ގެންދަން ރާވާފައިވާ ހަރަކާތްތަކާއި ބެހޭގޮތުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޙުސައިން އާދަމް ވާހަކަ ދެއްކިއެވެ. އެގޮތުން އެއް ހަފުތާގެ މުއްދަތަށް ލާމަރުކަޒީދުވަހުގެ ހަރަކާތްތައް ހިންގަން ރާވާފައިވާ ކަމަށާއި، އެ ބައްދަލުވުމަކީ ހަރަކާތްތަކުގެ ފެށުން ކަމަށް ވެސް ފާހަގަކުރިއެވެ. ދުވަހާއި ގުޅިގެން މުޢައްސަސާތަކުގެ މެދުގައި ޚާއްޞަ ކުއިޒެއް ބޭއްވުމާއި، ރަށުގެ ލައިމްބީޗް މަގުގައި މާގަސް އިންދުމާއި، މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވޭ ޓީމުތަކުގެ މެދުގައި ބާއްވާ ޚާއްޞަ ވޮލީމެޗެއް ރޭވިފައިވާ ކަމަށް ސެކްރެޓަރީ ޖެނެރަލްގެ ވާހަކާގައި ފާހަގަކުރިއެވެ.