ބިނާވެށި ޕްލޭންގެ ޑްރާފްޓަށް ރައްޔިތުންގެ ޚިޔާލު ހޯދައިފި

ކޮނޑޭގެ ބިނާވެށި ޕްލޭން މުރާޖަޢާ ކުރުމަށާއި ކޮނޑޭވިލިނގިލިގެ ބިނާވެށި ޕްލޭން ހެދުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ހަދާފައިވާ ބިނާވެށި ޕްލޭންގެ ޑްރާފްޓަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުން ބާއްވައިފިއެވެ. 25 ޑިސެންބަރު 2022 ވަނަ ދުވަހުގެ ރޭ 21:00ގައި ކޮނޑޭ ކައުންސިލްގެ ސެމިނަރހޯލުގައި ބޭއްވި މިބައްދަލުވުމުގައި މިހާރު ހެދިފައިވާ ބިނާވެށި ޕްލޭންގެ ޑްރާފްޓްގެ ތަފުޞީލު މައުލޫލާތު، ރިޔަން ޕްރައިވެޓް ލިމިޓެޑުން ރައްޔިތުންނަށް ހުށަހަޅައި ދިނެވެ.

ބިނާވެށި ޕްލޭންގެ ޑްރާފްޓްގައި ބިންތަކާއި، ބިންތަކުން ކުރާނެ ބޭނުން ކަނޑައެޅިފައިވާ ގޮތާބެހޭގޮތުން ކައުންސިލްގެ ރަޢީސްއާއި ކައުންސިލަރުން ރައްޔިތުންނަށް މަޢުލޫމާތު ދިނެވެ.

ރައްޔިންގެ ތެރެއިން މައިގަނޑުގޮތެއްގައި ޚިޔާލު ހުށަހެޅިފައިވަނީ، ރަށުގެ ޓޫރިޒަމް ޒޯން ކަނޑައެޅިގޮތާއި އެ ޒޯނުގެ ބިންތަކުގެ ކުރިމަތިން އޮތް މަގު އެގޮތަށް އޮތުމާއި ބެހޭގޮތުންނެވެ. މީގެ އިތުރުން ރަށުގެ ދެކުނުކޮޅުގައި އެކަނި ޓޫރިޒަމް ބިންތައް ކަނޑައަޅާފައިވާ ގޮތާއި ބެހޭގޮތުން ބައިވެރިން ސުވާލުކޮށް ޚިޔާލު ހުށަހެޅިއެވެ. ރަށުގެ ކުނިމެނޭޖްކުރާ ސަރަހައްދު ރައްޔިތުންނާއި މާދުރު ހިސާބެއްގައި އޮތުމާއި ބެހޭގޮތުންވެސް ޚިޔާލު ހުށަހެޅުނެވެ. ރަށުގެ ބަނދަރުމަތިން ތެޔޮވިއްކުމަށް ކަނޑައަޅާފައިވާ ބިންތަކާއި، ފެރީޓާމިނަލްގެ ބިމުގެ އިތުރުން ސިނާޢީ ބިންތަކުގެ ގޮތުގައި ހިމަނާފައިވާ ސަރަހައްދުތަކާއި ބެހޭގޮތުން ވެސް ޚިޔާލު ހުށަހެޅުނެވެ. މީގެ އިތުރުން ރަށުގެ މެދުތެރޭގައި ހުރި މީހުން ދިރިނޫޅޭ ގެތަކާއި ފަޅުގޯތިތަކުގެ ބޭނުން ހިފޭނެ ގޮތްހެދުމަށް ވެސް ބައިވެރިން ޚިޔާލު ހުށަހެޅިއެވެ.

މި ޑްރާފްޓަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް 15 ޑިސެންބަރު 2022ގައި އާއްމު އިޢުލާނަކުން ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އެރުވިއެވެ. އަދި ރަށުންބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބައްދަލުވުމުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ގޫގުލް މީޓުން ބައްދަލުވުމުގައި ބައިވެރިވެވޭނެ ފުރަސަތު ހުޅުވާލެވުނެވެ.

މި ބައްދަލުވުގައި ރަށުގެ ރައްޔިތުންގެ ތެރެއިން އެކާވީސް ފަރާތަކުން ކައުންސިލްގެ ސެމިނަރހޯލަށް ހާޒިރުވެގެން ބައިވެރިވިއިރު، ގޫގުލް މީޓް މެދުވެރިކޮށް 3 ފަރާތަކުން ބައިވެރިވިއެވެ. މިބައްދަލުވުމުގައި ރަށުކައުންސިލްގެ ރަޢީސް އަޙްމަދު ޢަބްދުލްޙަކީމް، ނާއިބްރަޢީސް ނަޞްރު މުޙައްމަދު ދީދީ، ކައުންސިލަރ މުޙައްމަދު ސުރާޤަތު ޤާސިމް، ކައުންސިލަރ ޢާއިޝަތު ޝިފްޒާ އިބްރާހީމްގެ އިތުރުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޙުސައިން އާދަމް ބައިވެރިވިއެވެ.

މިބައްދަލުވުމުގައި ރައްޔިތުން ކުރި ސުވާލުތަކާއި، ހުށަހެޅި ޚިޔާލުތަކަށް ރިޔާޢަތްކޮށް، ރައްޔިތުންގެ އިތުރު ޚިޔާލާއި މަޝްވަރާ ލިޔުމުން ހުށަހެޅުމަށް އިތުރު ހަތްދުވަހުގެ މުއްދަތެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *